• 31 July 2019
    ދިރާގުން ރާއްޖޭގައި 5ޖީ ތައާރަފުކޮށްފި

    ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން މުވާސަލާތީ ޓެކްނޮލޮޖީގެ ތެރެއިން މޮބައިލް އިންޓަނެޓް ކަނެކްޓިވިޓީގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ  5ޖީ  ރާއްޖެއަށް ތައާރަފު ކޮށްފިއެވެ.

    ދިރާގު 5ޖީ ޚިދުމަތް ތައާރަފުކުރެވިގެން ދިޔުމާއެކު ރާއްޖޭގެ އާބަދީ އެންމެ ގިނަ 3 ސަރަޙައްދަކަށް މި ޚިދުމަތް ލިބިގެންދާނެއެވެ. މި ރަށްތަކުގެ ތެރޭގައި.

    1.     މާލެ، ވިލިމާލެ، ހުޅުމާލެ އަދި އެއަރޕޯޓްގެ ބައެއް ސަރަހައްދުތައް

    2.     އައްޑޫ، ހިތަދޫގެ ބައެއް ސަރަހައްދުތައް

    3.     ހދ. ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތައް

     

    މި ސަރަޙައްދުތަކުގައި 5ޖީ ސަޕޯޓްކުރާ ޑިވައިސް ގެންގުޅުއްވާ ކަސްޓަމަރުންނަށް އެއްވެސް އިތުރު ޑޭޓާ ޗާރޖަކާ އަދި މިހާރު ގެންގުޅުއްވާ ސިމް މެދުވެރިކޮށް މި ޚިދުމަތް ބޭނުންކުރެވޭނެއެވެ.

    ދުނިޔޭގައި މިވަގުތު 5ޖީ ސަޕޯޓްކުރާ ޑިވައިސްތައް ވަރަށް މަދެވެ. ދިރާގުން ދަނީ ދުނިޔޭގެ ފޯނު އުފައްދާ ބޮޑު ކުންފުނިތަކާ ގުޅިގެން ރާއްޖޭގެ މާރކެޓަށް އެންމެ ފަހުގެ 5ޖީ ސަޕޯޓްކުރާ ފޯނުތަކާއި ޑިވައިސްތައް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.  ރާއްޖޭގައި އެންމެ އަވަހަށް ތައާރަފުކުރެވިގެން ދާނެ 5ޖީ ޑިވައިސް އަކީ މީގެ 2 ދުވަސް ކުރިން މާރކެޓަށް ނެރުނު ހުއާވޭ މޭޓް 20× 5ޖީ ފޯނެވެ.

     

    5ޖީ ޚިދުމަތަކީ ކޮބާ

    5ޖީގެ ކަނެކްޓިވިޓީ އާދަޔާޚިލާފަށް ހަލުވިވާނެއެވެ. އެގޮތުން މިޚިދުމަތަކީ މިހާރުގެ 4ޖީ ޚިދުމަތުގެ ސްޕީޑަށްވުރެ ދިހަ ގުނަ އަވަސް ޚިދުމަތެކެވެ. މީގެ ސަބަބުން ކަސްޓަމަރުންގެ މޮބައިލް ކަނެކްޓިވިޓީގެ ތަޖުރިބާ މިހާރަށް ވުރެ ފުރިހަމަ ވެ، ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

    އަދި ހަމަ އެހެންމެ، 5ޖީގެ ސަބަބުން ޒަމާނީ ޑިޖިޓަލް އުފެއްދުންތަކާއި ހައިސްޕީޑް އިންޓަނެޓަށް ބަރޯސާވާ ޚިދުމަތްތަކަށް ވަރަށް ބޮޑު ބާރެއް ލިބިގެންދާނެއެވެ. އެގޮތުން، ރިމޯޓް ސާޖަރީ އަދި އޮޓޮމޭޓެޑް ދަތުރުފަތުރު ކުރުމުގެ ސިސްޓަމްޓަކުން ރިއަލްޓައިމް ނުވަތަ އަސްލު ވަގުތާ އެއްފަދަ ތަޖުރިބާއެއް 5ޖީގެ ޒަރިއްޔާއިން ލިބިގެންދާނެއެވެ. މީގެ އިތުރުން، ގުދުރަތީ ކާރިސާތައް ދިމާވާ ހާލަތްތަކުގައި ވުމާސަލާތީ ގުޅުން ދެމެހެއްޓުމަށް ވެސް ފަސޭހަވެގެންދާނެއެވެ.

    5ޖީ ޚިދުމަތް މިހާރު ލިބެމުން ދަނީ ދުނިޔޭގެ ވަރަށް މަދު ޤައުމެއްގައިއެވެ. އަދި މިއަދު ދިރާގުން ރާއްޖޭގައި 5ޖީ ތައާރަފުކުރުމާ އެކު ދިވެހި ރާއްޖެ ވެގެން ދިޔައީ ސައުތް އޭޝިއާ ބައްރުގައި މި ޚިދުމަތް ލިބެންފެށި ފުރަތަމަ ގައުމަށެވެ.

    ޑިޖިޓަލް ރާއްޖޭ

    ދިރާގުން ވަނީ މިއަހަރު "ޑިޖިޓަލް ރާއްޖެ" ނަމުގައި މުޅި ރާއްޖެ ޓެކްނޮލޮޖީގެ އައު ހަރުފަތަކަށް ގެނެސްދިނުމަށް ޕްރޮގްރާމެއް ފަށާފައިއެވެ. މި ޕްރޮގްރާމުގެ ދަށުން ދިރާގުން ވަނީ މި އަހަރު އެޕްރީލް މަހު ހައިސްޕީޑް ފައިބަރ އިންޓަނެޓް ރާއްޖޭގެ އާބާދީގެ 75% އަށް ފޯރުކޮށްދީފައިއެވެ. އަދި ހަމަ އެހެންމެ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ގިގަބިޓް ސްޕީޑުގައި 1 ޖީ.ބީ.ޕީ.އެސް އާ ހަމައަށް ދެވޭ އިންޓަނެޓްގެ ޚިދުމަތް ރާއްޖޭގެ ގޭބިސީތަކަށް ވަނީ މި އަހަރު ޖޫން މަހު ތަޢާރަފުކޮށްފިއެވެ.

     މިއަދު މި ތަޢާރަފު ކުރެވިގެން ދިޔަ 5ޖީ ޚިދުމަތާއެކު ދިރާގަކީ ރާއްޖޭގައި މިހާރު މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތުގެ އެންމެ ޒަމާނީ ޓެކްނޮލޮޖީ ފޯރުކޮށްދޭ ކުންފުޏެވެ.

    ދިރާގަކީ ހަލުވިދުވެއްޔެއްގައި ބަދަލުވަމުން އަންނަ ޓެކްނޮލޮޖީއާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ އެއްބާރުމިނެއްގައި ކުރިއަރަމުން އަންނަ ކުންފުންޏެކެވެ. އަދި ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ އަލަށް ތައާރަފު ކުރާ އައު ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތް ރާއްޖޭގެ މާކެޓަކަށް ގެނެސްދިނުމަށެވެ. ދިރާރުގެ އަމާޒަކީ ދިވެހި ރާއްޖެއަށާއި ދިވެހި މުޖްތަމައަށް ޑިޖިޓަލް މުވާސަލާތީ ޚިދުމަތުގެ ތެރެއިން އިތުރު ފާގަތިކަމާއި ކުރިއެރުން ފޯރުކޮށްދިނުމަށެވެ.

    31 ޖުލައި 2019

Download Dhiraagu App
Copyright © 2024 DHIRAAGU (Dhivehi Raajjeyge Gulhun Plc)
Ooops!
Generic Popup