ރީބްރޯޑްކާސްޓިން ލައިސަންސް ދިނުމުގެ ޤަވާއިދަށް މޯލްޑިވްސް ބްރޯޑް ކާސްޓިންގ ކޮމިޝަން (އެމްބީސީ) އިން މިއަހަރު ގެންނެވި ބަދަލާ ގުޅިގެން ދިރާގު ޓީވީ ލައިސަންސް އައުކުރުމުގެ ފުރުސަތު ދިރާގަށް ވަނީ ބަންދުވެފައެވެ. މިކަމާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތަކައި އެމްބީސީ އާއި އެކު މަޝްވަރާކުރަމުން މިދަނީ ދިރާގަށް ލައިސަންސް އައުކުރެވޭނޭ ގޮތެއް ހޯދުމަށެވެ. ނަމަވެސް މިކަމުގައި ހައްލެއް ނުލިބިއްޖެނަމަ، މިހާރު އާބާދީގެ ބޮޑު ބަޔަކަށް ދެމުން ގެންދާ ދިރާގު ޓީވީގެ ޚިދުމަތުގެ ލައިސަންސް ޖަނަވަރީ 2023 ގައި މުއްދަތު ހަމަވުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ޚިދުމަތް ހުއްޓާލަން ޖެހިދާނެއެވެ
އަޅުގަނޑުމެން މި ކުރިއަށްގެންދާ މަޝްވަރާތަކުގެ ނަތީޖާއަށް ބިނާކޮށް އިތުރު މައުލޫމާތު ކަސްޓަމަރުންނާއި ޙިއްސާކުރާނެ ވާހަކަ ދަންނަވަމެވެ
ދިރާގު ޓީވީ ފެށުމާއެކު އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ފަރާތުން އެޚިދުމަތަށް ވަރަށް ހޫނު ތަރުހީބެއް ލިބިގެން ދިޔައެވެ. އަދި މިކަމަށްޓަކައި ދިރާގު ޓީވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރައްވަމުންދާ އެތައް ހާސް ކަސްޓަމަރުންނަށް ވަރަށް އިޚުލާސްތެރިކަމާއިއެކު ޝުކުރުދަންނަވަމެވެ. އަޅުގަޑުމެން ތިބޭފުޅުންނަށް ދެމުންދާ މިޚިދުމަތް ކުރިޔަށް ގެންދެވޭނޭ ގޮތެއް ވޭތޯ ބެލުމަށް އަދިވެސް މަސައްކަތް ކުރަމުން ގެންދާ ވާހަކަ ދަންނަވަމެވެ
ދިރާގު ޓީވީގެ ޚިދުމަތް ކުރުމުއްދަތެއްގެ ތެރޭގައި މިވަނީ ރަނގަޅު ފެންވަރެއް ގައި ފޯރުކޮށްދީ، އަދި އަގު ގައި އެއްވެސް ތަފާތު ކުރުމެއްނެތި 100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތައް އަލްޓްރާ ހައި ޑެފިނިޝަން ގައި ރާއްޖޭގެ %85 ގޭބިސީއަށް (90 ރަށަށް) ލިބުމުގެ މަގު ފަހިކޮށްދެވިފައެވެ. މި ފުރުސަތުގައި ކަސްޓަމަރުންގެ ފަރާތުން ކެނޑިނޭޅި ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށް ދިރާގު ޓީވީގެ ކާމިޔާބީއަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ފަރާތުން މިޚިދުމަތަށް ލިބެމުންދާ ތަރުޙީބުކަން އުފަލާއިއެކު ފާހަގަކުރަމެވެ